2008 ގައި ހއ. އަދި ހދ. އިން ކުރެއްވި ސަރވޭ ދަތުރުން ފާހަގަ ކުރެވުނު ކަންތައްތަށް
2008ގައި، އޭރުގެ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ(ސީ.އެފް.ޕީ.އޭ) އާއި ހޭންޑިކެޕް އިންޓަރނޭޝަނަލްއާއި ގުޅިގެން އެކުލަވާލެވިފައިވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން އެކުލަވާލެވިފައިވާ އެކްޝަން ޕްލޭންއެއް ތައްޔާރުކުރުމަށް ސަރވޭ ދަތުރުތަކެއް ހއ އަދި ހދ އަށް ކުރިއެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން އެކުލަވާލެވިފައިވާ އެކްޝަން ޕްލޭން މުރާޖަޢާކުރުމުގެ ބައްދަލުވުންތަކެއް މިހާރު ބާއްވަމުންގެންދާ ދަނޑިވަޅެއްގައި، 2008ގައި މި ކުރެވުނު މުޙިއްމު ސަރވޭގައި ފާހަގަކުރެވުނު ކަންތައްތަށް ހަނދާންކޮށްދިނުމުގެގޮތުން ލިޔެލާނަމެވެ.
- 9 ރަށަކުން، 143 ބޭފުޅުންނާއި ސަރވޭ ކުރެވި، 21 ބައްދަލުވުމާއި 3 ތަމްރީން ޕްރޮގްރާމް ހިންގުނެވެ.
- ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން ސްކޫލަށްދާ އުމުރު ފުރައިގެ ސަރވޭ ކުރެވުނު %48 އިންސައްތަ ކުދިންނަކީ ސްކޫލަށް ނުދާ ކުދިންނެވެ. މީގެ ތެރެއިން %60 އިންސައްތަ ކުދިންނަކީ، ޚާއްޞަ އެހީއަށް ބޭނުންވާ ތަޢުލީމް ދޭނެ ތަންތަން ނެތް ރަށްރަށުގެ ކުދިންނެވެ.( ކުޅުދުއްފުށި ފިޔަވައި) މި ކުދިން ސްކޫލަށް ނުފޮނުވަނީ ސްކޫލްގައި މި ކުދިންނަށް އެކަށީގެންވާ މާޙައުލެއް ނެތުމާ، ސްކޫލަށް ފޮނުވިކަމުގައި ވިޔަސް ސްކޫލުން މާބޮޑު އެއްޗެއް ދަސްވާނެ ކުދިން ކަމުގައި ހީނުވާތީއެވެ. އަދި ތަނަވަސްކަން ނެތުން ވެސް މައިގަނޑު އެއް މައްސަލަ ކަމުގައި ފާހަގަ ކުރެވުނެ.
- ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ތެރެއިން %21 އިންސައްތަ އަކީ ހިނގައި އުޅުމަށް ދަތި ވުމުގެ ސަބަބުން އަހަރަކު އެއްފަހަރު ކަހަލަ ގޮތަކަށް ނޫނީ ގޭންބޭރަށް ނުދާ މީހުންނެވެ. އަދި %5 އިންސަތަ އަކީ ވަރަށް މަދުން ނޫނީ ނުނިކުންނަ މީހުންނެވެ.
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ސަރވޭ ކުރެވުނު، މަސައްކަތް ކުރެވޭ އުމުރުގެ ( 15-65 އަހަރު) % 71 އިންސައްތަ ފިރިހެނުން ނާއި %100 އިންސައްތަ އަންހެނުން އާމްދަނީ ހޯދުމަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ. އަދި ހަމަ އެރަށްތަކުން 2006 ވަނަ އަހަރުގެ ތަފާތު ހިސާބުތަކުން ދައްކާގޮތުގައި %6.84 އިންސައްތަ ފިރިހެނުންނާއި، %13.87 އިންސައްތަ އަންހެނުން އާމްދަނީ ލިބޭކަހަލަ މައްސަކަތެއް ނުކުރެއެވެ.
- އަޑުއިވުމުގައި އުނދަގޫތައް ދިމާވާ މީހުންގެ %72 އިންސައްތަ މީހުންނަކީ ހިއަރިން އެއިޑް ނެތް މީހުންނެވެ. ނަމަވެސް ހިއަރިން އެއިޑް ގެ ބޭނުން ކޮށްފިނަމަ މި މީހުންގެ ދިރިއުޅުމުގެ ފެންވަރު އިތުރަށް ރަނގަޅުކުރެވޭނެ ކަމަށް ފާހަގަ ކުރެވުނެވެ. ލޮލަށް ފެނުމުގެ މައްސަލަތައް ދިމާވެފައިވާ %54 އިންސައްތަ ފިރިހެނުން %89 އިންސައްތަ އަންހެނުން އައިނުގެ ބޭނުމެއް ނުކުރެއެވެ. ހިނގުމުގައި ދަތި އުނދަގޫތަށްވާ މީހުންނާއި އެއްގޮތަކަށްވެސް ނުހިނގޭ މީހުން ތެރެއިން %76 އިންސައްތަ ފިރިހެނުންނާއި %81 އިންސައްތަ އަންހެނުންނަށް ދުއްވާގޮނޑި ނުވަތަ ތިން ފުރުޅުލީ ގޮނޑި ފަދަ އެއްޗެއްވެސް ބޭނުމެއް ނުކުރެއެވެ. މީގެ ތެރެއިން %51 އިންސަތަ ބުނާގޮތުގައި މިފަދަ ވަސީލަތްތަށް އެމީހުން ބޭނުމެއްނުވެއެވެ. .%18 އިންސައްތަ މީހުންނަށް މި ފަދަ ވަސީލަތްތަށް ހޯދާނޭ ގޮތްތަށް ނޭގޭތީވެ ބޭނުން ނުކުރެވެނީއެވެ. %5 އިންސައްތަ މީހުން އެމީހުންނަށް ބޭނުންވާނެ މި ފަދަ ވަސީލަތްތަށް ހޯދުމަށް އެދި ލިބިފައި ނެތީއެވެ.
- ސަރވޭކުރެވުނު މީހުންގެ ތެރެއިން 3 ބައިކުޅަ އެއްބައި މީހުންވަނީ އަޑުއިވުމާއި ފެނުމުގެ ޓެސްޓް ހަދާފައެވެ. ނަމަވެސް ފެނުމުގެ މައްސަލަތައް ހުރި މީހުންގެ ތެރެއިން %47 އިންސައްތަ މީހުން ޓެސްޓް ހަދާފައެއް ނުވެއެވެ. އަދި އަޑުއިވުމުގެ މައްސަލަތައް ހުރި މީހުންނާ އަޑު ނީވޭ މީހުންގެ ތެރއިން %61 އިންސައްތަ ޓެސްޓް ހަދާފައެއް ނުވެއެވެ.
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ސަރވޭ ކުރެވުނު %29 އިންސައްތަ މީހުން މައިގަނޑުގޮތެއްގައި މުޢާމަލާތް ކުރަނީ އިޝާރާތުން ނުވަތަ ހަރަކާތުންނެވެ.
- ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ 61 މީހުންގެ ތެރެއިން 39 މީހުންނަށް ކައުންސެލިން ދެވިފައެއް ނުވެއެވެ.
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ %45 އިންސައްތަ މީހުންނަށް މުޖުތަމައުގެ ތެރެއިންނާއި އާއިލާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއެވެ. މީގެ ތެރެއިން %31 އިންސައްތަ މީހުންނަށް އެހީތެރިކަން ދެވިފައި ނެތީ އެމީހުން އެހީއަށް އެދިފައި ނުވާތީ ނުވަތަ ބޭނުން ނުވާތީއެވެ. %14 އިންސައްތަ މީހުން އެހީއަށް އެދި އެހީ ލިބިފައި ނުވާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ނުވަތަ ކުދިންނަށް އެހީތެރިވެދޭނޭ ގޮތުގެ މަޢުލޫމާތު އާއިލާތަކުން ވަރަށް ބޮޑަށް އޮޅުންފިލުވަން ބޭނުންވިކަންވެސް ފާހަގަކުރެވެއެވެ.
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން %24 އިންސައްތަ މީހުންނަށް ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރުކޮށް ދެއްވާ ފައިވެއެވެ.
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން %13 އިންސައްތަ މީހުންނަކީ އާއިލާގެ ފަރާތުންނާއި މުޖުތަމައުގެ ފަރާތުން ޖިސްމާނީ އުނދަގޫތަށް ފޯރާފައިވާ މީހުންނެވެ. އަދި %18 އިންސައްތަ މީހުންނަކީ އެމީހުންނާ މުޙާތަބްކުރާ ގޮތުން ތަފާތު އުނދަގޫތަށް ކުރިމަތިވެފައިވާ މީހުންނެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން އެކުލަވާލެވިފައިވާ އެކްޝަން ޕްލޭން މުރާޖަޢާކުރަމުންދާއިރު، މި ދެންނެވި ސަރވޭގައި ފާހަގަ ކުރެވިފައިވާކަންކަން ކިހާވަރަކަށް މިހާތަނަށް ރަގަޅުކުރެވުނުތޯ ބަލާލުންވެސް މުޙިއްމެވެ.
[learn_more caption="Download"]
ގުޅުންހުރި ޑޮކިއުމެންޓްތައް:
[/learn_more]Contact us to Advertise
Facebook comments:

