ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުންގެންދާ މާލީ އެހީތެރިކަމުގައިވާ ފަރަޤު
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލް 22 ޖޫން 2010 ގައި ރައްޔިތުންގެ މަޖިލިހުން ފާސްކުރުން ވެގެން ދިޔައީ މިފަދަ މީހުންނަށާއި މިފަދަ މީހުންގެ ޢާއިލާތަކަށް ހިތްހަމަޖެހުން ގެނުވައިދިން ކަމަށެވެ. އެހެނީ މީގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މަހަކު -/2000 ރުފިޔާގެ މާލިއެހީތެރިކަމެއް ލިބިގެންދާނެތީއެވެ.
ނަމަވެސް މި ޤާނޫނު ފާސްވުމުގެ ކުރިންވެސް އަދި ފަހުންވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ލޮލުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ފައިސާގެ އެހީތެރިކަމެއް ފޯރުވަމުންގެންދިޔައެވެ. އަދި މި އެހީ ފެށިގެން ދިޔައީ ވަރަށްކުޑަ މިންވަރަކުން ނަމަވެސް މިފަދަ މީހުންގެ ޝަކުވާތައް ސަރުކާރާއި އަދި ހައްޤުތައް ހޯދައިދިނުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ހުށަހެޅުމާއި ގުޅިގެން 2010 ވަނަ އަހަރުންފެށިގެން މިފަދަކޮންމެ މީހަކަށް މަހަކު -/1500 ރުފިޔާ ދެމުން ގެންދިޔައެވެ. އަދި މިއީވެސް ކިހާ ބޭއިންސާފުން ކުރަމުން އައިކަމެއްބާވައޭ ހިތަށްއަރައެވެ. ނުކުޅެދުންތެރިކަމުގެ ތަފާތު އެތައްވައްތަރު ތަކެއް ހުރެ ހަމައެކަނި ލޮލުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިފަދަ އިނާޔަތެއް ދިނުމުގެ މަޤްޞަދަކީ ކޮބައި ބާވައެވެ؟؟؟ އަދި އެފަރަޤު އެހެން ހުރުމާއެކުވެސް އެހެން ނުކުޅެދުންތެރިކަން ހުންނަ މީހުން ނިކަމެތި ޙާލުގައި އުޅެމުން ދިޔައިރު ހިއުމަން ރައިޓްސް ކޮމިޝަން ފަދަ ކޮމިޝަންތަކަށް ޕެޓިޝަން ހުށަހަޅައިގެން މި ފަރަޤް ނައްތާލުމުގެ ބަދަލުގައި އިތުރަށް ބޮޑުކުރެވިގެން ދިޔައީތީވެސް ހައިރާންވެއެވެ.
މިކަންތައްތައް މިގޮތަށް ހުއްޓާ މިކަމާބެހޭ ޤާނޫނެއް ފާސްވެ ތަސްދީޤުކުރެވި އެއަށް ޢަމަލުކުރަން ފެށުމުން މި ތަފާތުކުރުންތައް ނެތިގެންދާނެކަމަށް ހީކުރެވުނެވެ. އަދި ޤަބޫލުވެސް ކުރެވުނެވެ. މިފަދަ މާލީއެހީތެރިކަން ދެން ދެވިގެންދާނީ އެޤާނޫނު ތަންފީޛުކުރާ މުއައްސަސާއިން ކަމަށް ހީކުރެވުނު ހީކުރެވުން އެއީ ވަރަށްބޮޑު ކުށްހީއެކެވެ. ލޯފަން މީހުން ރަޖިސްޓްރީ ކުރުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ހުއްޓާލިއެވެ. ޤާނޫނަށް ބޯލެބުމުގެ ގޮތުންނެވެ. ނަމަވެސް ކުރިން އެ އެލަވަންސް ދެމުން އައި ފަރާތްތަކަށް އަދިވެސް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ދަނީ މި އެލަވަންސް ދެމުންނެވެ. މިކަމާ ގުޅޭގޮތުން އެ މިނިސްޓްރީއަށް މިއަދު ގުޅުމުން ވިދާޅުވަނީ އެއެލަވަންސް ހުއްޓާލަން އެއްވެސް ފަރާތަކުން އެމިނިސްޓްރީއަށް ނާންގާކަމެވެ. އަދި މާރޗް މަހުގެ 31 ވަނަ ދުވަހާއި ހަމައަށްވެސް ދީފައިވާނެކަމަށެވެ. ބޮޑު ޤާނޫނެއް ފާސްވި ނަމަވެސް މިކަމަށް ޒިންމާ ވާ މުއައްސަސާއެއް ނެތީބާވައެވެ. ލޯފަން މީހުންނަށް މިހާރު ޖުމްލަ މަހަކު -/3500 ރުފިޔާ ލިބޭނެކަމަށް ޤަބޫލުކުރެވެއެވެ. ޤާނޫނަކުން ވަކިމިންވަރެއް ކަނޑައަޅައި ބަޔާންވެފައިވާއިރުވެސް އެބަޔަކު ބޭނުންބަޔަކަށް ހިތަށް އެރި މިންވަރެއް ދެމުން ގެންދިއުމަކީ ކިހާ އިންސާފުވެރިކަމެއްބާވައެވެ.... މިކަމާ ޒިންމާ ވަނީ މިނިސްޓްރީ އޮފް ހެލްތް ތޯ ނުވަތަ މިނިސްޓްރީ އޮފް ފިނޭންސް ތޯ ސުވާލު އުފެދެއެވެ....
[facebook] | [retweet] | [digg] | [stumble]
Contact us to Advertise
Facebook comments:

